Unlock all GSM Phone $ Iphone
We unlock your phone online
Unlock guaranteed or money back!
www.mobile-unlock.net/
Travel, volunteer & surf 5 star hotel
Special Offers. Complimentary Offer
Low Cost Flights, 5 star hotel free night
http://www.digitalpoint.com/
Online Ladies, Men, Children Clothing
High Quality fashion products.
At an affordable prices. Branded Clothing.
http://www.digitalpoint.com/
އަލީ ރަފީގު: ނޫސްވެރިކަމުގެ ޕީއެޗް.ޑީ އަށް ފަހު އަލުން ހަވީރަށްއަލީ ރަފީގު: ނޫސްވެރިކަމުގެ ޕީއެޗް.ޑީ އަށް ފަހު އަލުން ހަވީރަށް
03 ޖެނުއަރީ 2008
އަލީ ރަފީގަކީ ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރައްވަން ބޭނުންވާ ބޭފުޅެއް، މިދިއަ އަންގާރަދުވަހުގެ ރޭ ސަލްސާ ރޯޔަލްގައި އޮތް ކެއުމެއްގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ޝަމީމް (އެލިޝް) ވިދާޅުވި އެވެ. ބައެއް ފަހަރަށް މާ ފުރިހަމަ ކުރަން ހަދައިގެން ކަން ނުކުރެވިފައި ވެސް އެބަހުރި. އެކަމަކު ހަވީރުގެ އެޑިޓަރު އަލީ ރަފީގު ރާއްޖޭގެ ނޫސްވެރިކަމުގައި ދައްކަވާފައި ވަނީ ވަރަށް ގާބިލް ހުނަރުތަކެކެވެ. ނޫސް ހިންގެވުމުގައި އޭނާއަށް ކުރެއްވިފައި ނެތް ކަމެއް ނެތެވެ. ހަމައެހެން އޭނާގެ ތައުލީމީ ހަޔާތުގައި ފުރިހަމައަށް ނިމިފައި ނެތް މަރުހަލާއެއް ވެސް މިހާރަކު ނެތެވެ. ޑިސެމްބަރު 30 ވަނަ ދުވަހު ނިއު ޒީލެންޑުން އޭނާ ރާއްޖެ ވަޑައިގަތީ، ނޫސްވެރިކަމުގެ ރޮނގުން ޕީއެޗް.ޑީ ނެންގެވި ފުރަތަމަ ދިވެއްސަށް ވެވަޑައިގެންނެވެ. ސަލްސާ ރޯޔަލްގައި އޮތް ކެއުމަކީ އެކަން ފާހަގަކުރުމަށް ހަވީރުގެ ފަރާތުން ބޭއްވި ކުޑަ ހަފުލާއެކެވެ. މިހާރު ރައްޔިތުންގެ މަޖިލިހުގެ އިސް މަގާމެއްގައި ހުންނެވި، ޕޮލިޓިކަލް ސައިންސްގެ ރޮނގުން ޕީއެޗް.ޑީ ނަންގަވާފައިވާ ޝަމީމާއި އަލީ ރަފީގު ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފަ އެވެ. ދެ ބޭފުޅުން އީޕީއެސްގައި ތައުލީމު ހާސިލްކުރެއްވި އިރު 1983 ގައި ނެރުއްވި އިނގިރޭސި ނޫސް ވޮއިސް އޮފް އެއިޓް ގެ ކޮޕީއެއް އެރޭ ޝަމީމް ދެއްކެވި އެވެ. ރާއްޖޭގެ ނޫސްވެރިކަމަށް އަލީ ރަފީގު ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވި. ހާއްސަކޮށް އާ ރޮނގުރޮނގުން ހަވީރު ކުރިއަށް ގެންދަން، ޝަމީމް ވިދާޅުވި އެވެ. އީޕީއެސް އިން އޯލެވެލް ހެއްދެވުމަށް ފަހު 1986 ގައި އޭލެވެލް ނިންމެވި އަލީ ވަނީ އޭނާގެ އެންމެ ޒުވާން ދައުރު ވެސް ހަވީރުގައި މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖެ ވަޑައިގެންނެވި ޕީއެލްއޯގެ ޗެއާމަން ޔާސިރު އަރަފާތާއި މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާރީތު މުހައްމަދު ފަދަ ބޭފުޅުންނާ އިންޓަވިއު ކުރައްވާފައިވެ އެވެ. އޭރު އިނގިރޭސިން ވާހަކަ ދައްކަން ޖެހޭ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަޅުގަނޑު ވަރަށް ގިނައިން ބައިވެރިވާން ޖެހޭ، މީހުން ނެތީމާ، ފުވައްމުލަކަށް އުފަން، އަލީ ވިދާޅުވި އެވެ. މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީގައި ނޫސްވެރިކަމުގެ ރޮނގުން އަލީ ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ މިހާރު ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވާ އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދާއި ގާނޫނީ ވަކީލު ހުސުނުއްސުއޫދާ އެކުގަ އެވެ. އަދި ޑރ. ހަސަން ސައީދާއި މުހައްމަދު ޖަމީލަކީ ވެސް އެކުގައި ކިޔަވާ ވިދާޅުވި ބޭފުޅުންނެވެ. އަލީ ވެސް ފުރަތަމަ ވަޑައިގަތީ ގާނޫނީ ރޮނގުން ކިޔަވާ ވިދާޅުވާށެވެ. އެކަމަކު ހަވީރުގެ އެޑިޓަރުގެ މަގާމުގައި ހުންނަވާފައި ވަޑައިގެންނެވި އަލީގެ އަސްލު ހުނަރަކީ ނޫސްވެރިކަން ކަމުން، އެ ރޮނގަށް ފަހުން ކޯސް ބަދަލުކުރެއްވި އެވެ. މާސްޓާސް ޑިގްރީ އަލީ ފުރިހަމަ ކުރެއްވީ 2003 ގައި ނިއު ޒީލެންޑްގެ ކެންޓަބަރީ ޔުނިވަސިޓީގަ އެވެ. އޭނާގެ މާސްޓާސް ރިސާޗް ހަދާފައި ވަނީ ަޮންލައިން ނޫސްވެރިކަމާ ބެހޭގޮތުންނެވެ. އެކޯހުން އެންމެ މަތީ ދަރަޖާގައި ފާސްވުމުން ޕީއެޗް.ޑީ އަށް ކިޔަވާ ވިދާޅުވާނެ ސްކޮލޮޝިޕެއް އެ ޔުނިވަސިޓީން ދިނެވެ. ބޭރުގެ ތިން ސްޓޫޑެންޓުންނަށް ސްކޮލޮޝިޕް ދެނީ. ނޫސްވެރިކަމުގެ ރޮނގުން ލިބުނީ އަޅުގަނޑަށް، އަލީ ވިދާޅުވި އެވެ. ޕީއެޗު.ޑީ އަށް އޭނާ ދިރާސާ ތައްޔާރުކުރެއްވީ ހަނގުރާމަތަކުގެ ތެރޭގައި، ހަނގުރާމަކުރާ ގައުމުތަކުގެ ސަރުކާރުތަކުންނާއި އަސްކަރިއްޔާ އިން ހަބަރުތަކަށް ނުފޫޒު ފޯރުވާވަރުގެ މައްޗަށެވެ. އަޅުގަނޑަށް ހީވަނީ ހަނގުރާމައިގެ ހަބަރުތަކަށް މިލިޓަރީ ނޫނީ ސަރުކާރުތަކުން ވަރަށް ބޮޑު ނުޒޫފެއް ފޯރުވާހެން، އަލީ ވިދާޅުވި އެވެ. އަދި ނިއުސް އެޖެންސީތަކުން ވަރަށް ބޮޑަށް ޑިޕެންޑްވޭ ސަރުކާރުން ބުނާ އެއްޗަކަށް އެހެންވެ އަސްލު ހަބަރު ކޮންމެވެސް ވަރަކަށް ބަދަލުވޭ. އެކަމުގެ މައްޗަށް އަޅުގަނޑު ތީސިސް ލިއުނީ. ހަވީރު އޮންލައިންގެ ބާނީ އަކީ އަލީ ރަފީގެވެ. ހަވީރު ވެބް ސައިޓް 1997 ގައި ލޯންޗުކުރުމުގެ ކުރިން ވެސް ކޮމްޕިއުޓާ މެދުވެރިކޮށް ހަބަރު ބެލޭނެ ނިޒާމެއް ހަވީރު ނެޓުގެ ޒަރީއާ އިން 1994 ގައި އަލީ ތަރައްގީކުރެއްވި އެވެ. މި ހުރިހާ ހިދުމަތެއްގެ އަގުވަޒަންކުރުމުގެ ގޮތުން 1997 ވަނަ އަހަރު އަލީ ރަފީގަށް ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ. އަލީ އެނބުރި ވަޑައިގެން ހަވީރުގެ އެޑިޓަރުކަމުގެ ޒިންމާއާ އަލުން ހަވާލުވެވަޑައިގަތުމަކީ މިހާރުގެ ނޫސްވެރިކަމުގެ މާހައުލުގައި ހަވީރަށް ޒަމާނީ އިތުރު ކުލަތަކެއް ޖެހިދެންދާނެ ކަމެކެވެ. އަދި މިހާރުގެ މިނިވަން ނޫސްވެރިކަމުގައި ހަވީރުގެ ނޫސްވެރިންގެ ނަޒަރު ތަފާތު ދާއިރާތަކަށް، މިހާރަށް ވުރެ ބޮޑަށް ހުޅުވާލަން އޭނާ އަކީ ވަރަށް ގާބިލް އެޑިޓަރެކެވެ. ޕީއެޗް.ޑީ އަކީ އަލީގެ ތައުލީމީ ހަޔާތުގެ އެންމެ މުހިންމު ހާސިލްކުރުމަށް ވީ ފަދައިން އޭނާގެ މަގު ދެއްކުމަށް ހަވީރު ވަނީ އެދިއެދި އެވެ.